ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލު ކުރައްްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ޑރ. މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ޑިސެމްބަރު 21 ވަނަ ދުވަަހުގެރޭ އޮންނާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންދާނީ މާދަމާ 20:30 ގައި ރެހެންދި ސްކޫލްގަ އެވެ.
“ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަން،“ ހީނާ ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެތެރެއިން އެންމެ ފަހުން ބައްދަލުކުރެއްވީ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ އެވެ. މީގެކުރިން ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅި، ހެންވޭރު އަދި ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވާފައިވެ އެވެ.


