ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލާގައި އެ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރެއް މިއަދު ހެނދުނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހެޅުނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:50 އެހާއިރުގަ އެވެ. އެއީ ކަނޑޫދޫ ސްކޫލްގައި ކިޔަވަމުންދާ 11 އަހަރުގެ ދަރިވަރަކު ގެންގުޅުނު ފެންފުޅިން ޓީޗަރުގެ ގައިގައި ޖެހުމާ ގުޅިގެން، އެ ޓީޗަރު ދަރިވަރުގެ އިނގިލި އަނބުރާލުމުގެ ސަބަބުން ދަރިވަރުގެ އިނގިލީގެ ހުޅު ނައްޓާލި ހާދިސާއެކެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ޓީޗަރަކީ އިންޑިއާގެ ރައްޔިތެއްކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި މި މައްސަލަ ބެލުމަށް ފުލުހުންގެ ތަޙުޤީޤު ޓީމެއް މިހާރު ވަނީ މަސައްކަތް ފަށާފައިކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސްކޫލްތަކުގައި މިފަދަ ހާދިސާތައް ހިނގުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދަރިވަރުންނާމެދު އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދީފަ އެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.