ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ސްކޫލް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ސަރުކާރުތަކުން ފްލެޓް އަޅަން މަސައްކަތް ކުރާއިރު ފްލެޓާއިއެކު ހިދުމަތްތަކަށް ބޭނުންވާ އިމްާރާތްތައް އިމާރާތް ކުރުމަށްވެސް ވިސްނަން ޖެހޭ ކަމަށެވެ. ހިޔާ ޓަވަރުތައް ނިންމާ އެތަނުގައި މީހުން އެޅެމުންދާއިރު، މިވީ މުއްދަތުގައި އެކަށީގެންވާ ސްކޫލްތަކެއް އެ ސަރަހައްދުގައި ބިނާކުރެވިފައި ނުވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރުގައި އެންމެ ފުރަތަމަ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަކީ ސްކޫލެއް ބިނާކުރުން ކަމަށެވެ. ހުޅުމާލެ ފޭސް 2، ހިޔާ ފްލެޓްކައިރީގައި މިހާރު އިމާރާތް ކުރާ ސްކޫލް މި އަހަރު ނޮވެމްބަރު މަހަށް ނިމޭނެ ކަމަށާއި، މި ސްކޫލަކީ 54 ކްލާސްރޫމްގެ ސްކޫލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސްކޫލު ނިމުމުން ހުޅުމާލެ ފޭސް 2 ގައި މިކަމުގައި ދިމާވެފައިވާ މައްސަލައަށް ފުދޭވަރެއްގެ ރަނގަޅު ހައްލެއް ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މި އަހަރު ތެރޭގައި އިތުރު ދެ ސްކޫލްގެ މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގައި އެއް ސްކޫލް އަދި ފޭސް 1 ގައި ސުކޫލެއް އިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
”ފޭސް 1 އަށް ބަލާލާއިރު، ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީގައި ސްކޫލެއް ނެތުމުގެ އުނދަގޫ މިހާރު ވަރަށް ބޮޑަށް ކުރަމުން މިދަނީ.“ މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަމުގައި ހުޅުމާލޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތައް ހައްލު ކުރުމަކީ އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ.
ހުޅުމާލޭގައި ގާއިމުކުރާ އިތުރު ދެ ސްކޫލުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ ހުޅުމާލެ ފޭސް 2 ރައްޔިތުންގެ މަޖިލިސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު