މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2024 ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ބުނީ، ރާއްޖޭގެ އެންމެ ދުވަސްވީ އިންޝުއަރެންސް ކުންފުންޏެއްގެ ގޮތުގައި ސިނާއަތަށް ދޭ އަހަންމިއްޔަތުކަން ދެނެގަނެ، މިއަހަރުގެ ފޯރަމްގައި ޕެނަލް ޑިސްކަޝަންގައި ބައިވެރިވާން ނިންމާފައިވާ ކަމަށާއި އެއާ އެއްގޮތަށް ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
އެލައިޑް އިންޝުއަރެންސް އިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ ފަރާތުން ޕެނަލްގައި ބައިވެރި ވާނީ އެ ކުންފުނީގެ އަންޑަރައިޓިން ޑިޕާޓްމަންޓުގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދު އެވެ. އެގޮތުން ކަނޑުގެ ސިނާއަތުގައި ކުންފުނީގެ ދައުރަށް ފޯކަސްކޮށް، އިންޝުއަރެންސް މެދުވެރިކޮށް ރައްކާތެރިކަން ގާއިމްކުރުމާ ބެހޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ އެވެ. އެލައިޑުން އިތުރަށް ބުނީ މަޝްވަރާގެ ތެރޭގައި އިންޝުއަރެންސްއާ ގުޅޭ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށެވެ.
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތުގެ މަތީ ފެންވަރުގެ ނިންމުންތައް ނިންމާ ފަރާތްތަކުން އަހަރަކު އެއްފަހަރު ބާއްވާ ޕެނަލް ޑިސްކަޝަން އެއްވުމެކެވެ. މިއީ އެ ސިނާއަތް ބައްޓަން ކުރުމަށް އީޖާދީ ވިސްނުންތައް ހޯދުމަށް ބާއްވާ ފޯރަމެކެވެ. މީޑިއަމް އިވެންޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ ފޯރަމް ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ 09:30 އިން ފެށިގެން މީރުމާ އިވެންޓް ހޯލްގަ އެވެ.
މި ފޯރަމްގައި ސިނާއަތުގެ ލީޑަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން އެއްވެ ހިޔާލު ބަދަލުކޮށް، ސިނާއަތުގެ ތެރޭގައި ހުރި އަސާސީ މައްސަލަތައް ދެނެގަތުމާއި، ހައްލުތައް ހުށަހަޅައި، ހޭލުންތެރިކުރުވުމަށް ހަމަޖެހިފައި ވެއެވެ. ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ވިންޑޯ މިހާރު ވަނީ ހުޅުވާލާފަ އެވެ.