ސަރުކާރުގެ އޮފީސް ގަޑީގައި ހެދުން އެޅުމުގެ މިންގަނޑު ކުރިން އޮތް ގޮތަށް އިޔާދަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ދަންނަވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ މިރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ކުރިޔަށްވުރެ އަހުލާގީ ގޮތުން ދަށްވެފައިވާ ކަމުގެ ޝަކުވާ ގިނަ ބައްދަލްވުންތަކުގެ ތެރެއިން ގިނަ ބަޔަކު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ކުރީގައި ސިވިލް ސާވިސް ގަވާއިދުގައި ވަރަށް ރަނގަޅު މިންގަނޑެއް އޮތް ކަމަށާއި، އެގޮތަށް އޮއްވައި ކޮންމެވެސް ސަބަބަކާ ހުރެ އެކަން ބަދަލު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރީގައި ސިވިލް ސާވިސް ގަވާއިދަށް އިޔާދަ ކޮށްދިނުމަށް ދަންނަވާަފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު މިހާރު އަންގައިފިން ސިވިލްސާވިސް ކޮމިޝަނަށް، އަޅުގަނޑަށް ލިބިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން ލިބިގެންވާ ބާރެއްގެ ތެރެއިން ދަންނަވައިފިން، ސިވިލްސާވިސްގަ ކުރީގަ އޮތް ގޮތަށް އިޔާދަކޮށްދޭށޭ، ކުރީގައި އޮތް ގޮތަށް ގަވާއިދު ބަދަލުކޮށްފަ ގެޒެޓްކޮށް އަމަލުކުރަން ފަށްޓަވާށޭ.“
ރައީސް ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ދާދި އަވަހަށް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)



