ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ ގޮތުން ޕްލޮޓް ކަނޑައެޅުމަށްޓަކައި، ގޯތި ލިބުނު މީހުންގެ ދެމެދު ގުރުއަތު ނެގުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ދެމެދު ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގަ އެވެ. މި ގުރުއަތު ނެގުމުގެ ތެރެއިން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު މިނިސްޓްރީންވަނީ ހަމަޖައްސާފަ އެވެ. މިގޮތުން، ގޯތި ލިބުނު ފަރާތްތަކަށް އެމީހުންގެ ޕްލޮޓް ނަންބަރު ވަގުތުން އެނގިގެން ދިޔަ އެވެ.
މިހާރު މި މަސައްކަތްތައް ނިންމާލާފައިވާއިރު، މިނިސްޓްރީން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގޯތިތައް އިން ވަކިކޮށް، ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ކަނޑައެޅިފައިވާ ގޯތިތަކުގެ ތަފްސީލުތަކަށް ބަލާއިރު، އެކި ބޮޑުމިނުގެ ގޯތިތައް ހިމެނެ އެވެ. އެގޮތުން، 1650 އަކަފޫޓުގެ 181 ގޯތި އަދި 2050 އަކަފޫޓުގެ 242 ގޯތި ދޫކުރުމަށް ކަނޑައެޅިފައިވެ އެވެ. މީގެ އިތުރުން، 2450 އަކަފޫޓުގެ 132 ގޯއްޗާއި، 2850 އަކަފޫޓުގެ 62 ގޯއްޗާއި، 3250 އަކަފޫޓުގެ 41 ގޯތިވެސް ހިމެނެ އެވެ. އެންމެ ބޮޑު ސައިޒުގެ ގޯތިތަކުގެ ތެރޭގައި 3650 އަކަފޫޓުގެ 16 ގޯތި އަދި 4000 އަކަފޫޓުގެ 24 ގޯތިވެސް ހިމެނެ އެވެ.
ހުޅުމާލެ ބިންވެރިޔާ ސްކީމް ބޯހިޔާވަހިކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ



