ފީފާގެ މޮޅު ކުޅުންތެރިޔާއަށްދޭ ”ބެސްޓް“ އެވޯޑް ޕީއެސްޖީގެ ފޯވާޑް، އޮސްމާނޭ ޑެމްބެލޭ ހޯދައިފިއެވެ.
އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ވަނީ މިދިޔަ ސެޕްޓެންބަރު މަހު ގަތަރުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ބެލެންޑިއޯ އެވޯޑުވެސް ހޯދާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ފަސް ތަށި ހޯދައިދިނުމަށް އެހީތެރިވެދީފައެވެ.
ބާސެލޯނާ އަދި ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކުޅުންތެރިޔާ ޕީއެސްޖީއަށް ސޮއިކުރީ 2023 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ޕީއެސްޖީއަށް ކުޅުނު 53 މެޗުން 35 ލަނޑު ޖަހައި 16 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑެމްބެލޭ އަށް އެވޯޑު ލިބުނުއިރު، އޭނާގެ ފަހަތުން ވާދަކުރީ ބާސެލޯނާގެ ލަމީން ޔަމާލް އާއި ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ އެވެ.
2024 ވަނަ އަހަރުގެ އޯގަސްޓު މަހުން 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކުޅުންތެރިންގެ ކުޅުމަށް ބެލުމަށްފަހު، މި އެވޯޑު ދިނުމަށް ވޯޓު ލާފައިވަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ޖާނަލިސްޓުންނާއި ސަޕޯޓަރުންނެވެ.
މިދިޔަ ސީޒަންގެ ކުރީކޮޅު އެމްބާޕޭ އަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ފަހުން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ޖެހި 35 ލަނޑުގެ ތެރެއިން އަށް ލަނޑަކީ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުތަކެވެ. މުބާރާތުގެ ނޮކްއައުޓް ބުރުގައި އޭނާ ވަނީ ލިވަޕޫލާއި އާސެނަލް އާ ދެކޮޅަށް ލަނޑު ޖަހާފައެވެ.


