މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 359 މީހަކަށް ތެރަޕިއުޓިކް ފަރުވާއަށް ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ.
އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީދީފައިވާއިރު، އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ފަރާތްތަކަށް އެންސްޕާއިން މިދިޔަ މަހު ވަނީ 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެގޮތުން، ތެރަޕީއަށް އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ބިހޭވިއާ ތެރަޕީ ދިނުމަށެވެ. އެއީ 3.5 މިލިޔަން ރުފިޔާގެ އެހީ އެވެ.
ތެރަޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި:
• އޮކިއުޕޭޝަނަލް ތެރަޕީއަށް: 3.49 މިލިޔަން ރުފިޔާ
• ސައިކޯ ތެރަޕީއަށް: 99،350 ރުފިޔާ
• އަރލީ އިންޓަވެންޝަންއަށް: 9،000 ރުފިޔާ
• ސްޕީޗް ތެރަޕީއަށް: 3.27 މިލިޔަން ރުފިޔާ
• އެޑިއުކޭޝަނަލް ތެރަޕީ: 1.88 މިލިޔަން ރުފިޔާ
• ފިޒިއޯތެރަޕީއަށް: 118،452 ރުފިޔާ
ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި 65 އަހަރުން މަތީގެ 2،275 މީހުން ވެސް ރެޖިސްޓާކޮށްފައިވެ އެވެ.



