ފުވައްމުލަކު ސިޓީގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، އެ ސިޓީގައި ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ދަށުން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިއްޔެ ވަނީ 13 ގެއެއް ބަލައިފާސްކޮށްފަ އެވެ. މި ބަލައިފާސްކުރުމުގެ މަސައްކަތުގައި، އެ ތަންތަނުގައި ދިރިއުޅޭ ބިދޭސީންނަކީ ސައްހަ ވިސާއެއްގެ ދަށުން ގަވާއިދާ އެއްގޮތަށް ދިރިއުޅޭ ފަރާތްތަކެއްތޯ ވަނީ ބަލާފައި ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އެފަދަ ތަންތަނުން އާންމު ސިއްހަތަށް ނުރައްކާ ވާފަދަ ކަންކަން މަދުކުރުމެވެ. މީގެ އިތުރުން، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް މި އޮޕަރޭޝަންގެ މުހިންމު ބޭނުމެކެވެ.
މިފަދަ އޮޕަރޭޝަންތައް މާލެ ސަރަހައްދުގައި ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. މާލެ ސަރަހައްދަުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 11 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން 9 ބިދޭސިއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބިދޭސީންގެ މައްސަލަ ފުވައްމުލަށް ސިޓީ ފުވައްމުލަށް ސިޓީ ކައުންސިލް
