އަތޮޅު ކައުންސިލްތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުމަށް މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގު ކުރިޔަސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދާ ހަރަދު ކުޑަ ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޖަވިޔަނި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެންނަ މި އިސްލާހާއެކު އިންތިހާބުގެ ހަރަދަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން ޕްރިންޓް ކުރަން ޖެހޭ ކަރުދާހުގެ އަދަދެއް މަދެއް ނުވާނެ ކަމަށާާއި ބަހައްޓާ ވޯޓު ފޮށީގެ އަދަދުވެސް މަދު ނުވާނެކަމަށް އީސީން ވަނީ ބުނެފަ އެވެ.
އީސީން ބުނީ ހަރަދު ކުޑަ ނުވި ނަމަވެސް އީސީން ކުރަން ޖެހޭ މަސައްކަތްތައް ބޮޑު ލުޔެއް މިކަމުގެ ސަބަބުން ލިބޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
އަތޮޅު ކައުންސިލްތައް އުވާލަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން އިދާރާތަކާއި، މަޤާމުތަކާއި ރަށުކައުންސިލްތަކާއި ސިޓީކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ވަނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ ”ކައުންސިލްތައް އިންތިޚާބުކުރުން“، މި މާއްދާގެ (ހ) ގައި އަތޮޅު ކައުންސިލްތައް އިންތިހާބުކުރާނެގޮތް ބަޔާންކޮށްފައިވާ 3 ވަނަ ނަންބަރު އުނިކުރުމަށެވެ. އަދި 231 ވަނަ މާއްދާގެ (ށ) ގައި އަތޮޅު ކައުންސިލް ހިމެނޭބައިތައް އުނިކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ޤާނޫނުއަސާސީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށްވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.
އީސީން ބުނީ މި އިސްލާހުތައް ފާސްވުމުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ އަދަދެއް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި އިސްލާހުތައް ތަސްދީގު ކުރުމުން އެކަންކަން އާންމުކޮށް އަންގާ އިއުލާން ކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026
