މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން (23އ) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ބުނެފައިވެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުން އޭނާ ހައްޔަރުކުރީ ޑޮލަރު މާރުކުރުމަށް ވައިބާ ގްރޫޕަކުން ފެނުނު ފަރާތަކަށް 1،250 ޑޮލަރު ޓްރާންސްފާކުރުމުން އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އަކާއި ގުޅިގެން އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަންތައްތަކަކަކީ:
- ސޯޝަލް މީޑީއާގައި އެކި ހިދުމަތް ފޯރުކޮށްދޭކަމަށްބުނެ، ރައްޔިތުންގެ ތެރެއިން އެކަންކަމަށް ބޭނުންވާ ފަރާތްތަކުން އެހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށްކަން
- ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ އެހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުންދާކަން
- ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަން
މި މައްސަލައިގައި ޝާވިން ގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. ކޯޓުން އޭނާގެ ބަންދަށް ޖެހީ 10 ދުވަހެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޮންލައިން ކޮށް ވިޔަފާރީގެ މުއާމަލާތެއް ކުރާނަމަ ޚިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީންކުރުމަށެވެ. އަދި ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ އެފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީންކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ޝައްކުކުރެވޭ ކަމެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
