ތޫފާން ”ޑިޓުވާ“ އާ ގުޅިގެން އަވަށްޓެރި ސްރީލަންލާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ އެހީވުމަށް ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ނިންމައިފި އެވެ.
ޕީއެސްއެމް އިން ހާމަކުރި ގޮތުގައި މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ގެ ހެނދުނު 9:00 އިން ފެށިގެން މެންދަމު 1:00 އަށެވެ.
ޕީއެސްއެމް އިން ބުނީ މި ޓެލެތޯނުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ނޫސް މީޑިޔާތަކަށް ދައުވަތު ދީފައިވާ ކަމަށެވ. އަދި ހުރިހާ ދިވެހި ރައްޔިތުންނަށް، ޖަމިއްޔާ، ޖަމާއަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ތޫފާން ”ޑިޓުވާ“އާ ގުޅިގެން ސްރީލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ލަންކާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ތޫފާނުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށާއި އެހީފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ. އަދި މި ހާލަތު އިއުލާނުކޮށްފައި އޮންނަ މުއްދަތުގައި މީހުން ސަލާމަތްކުރުމާއި ކޮންމެހެން ބޭނުންވާ ކަންކަމަށް ބޭނުންވާ ފަންޑް ހަމަޖެއްސުމުގެ ބާރުވެސް ރައީސް އަށް ލިބިގެންވާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ތޫފާނުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 132 އަށް އަރާފަ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު 171 އަށް އަރާކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
ތޫފާނުގެ ސަބަބުން ލަންކާގައި ފެންބޮޑުވެ، ކޯރުތައް ބަންޑުން ޖަހާލުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އަދި މީހުން ސަލާމަތްކުރުމުގައި ރެސްކިއު ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަކަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
