ޖިންސީ ފުރައްސާރައިގެ މައްސަލައެއް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭއިން މިއަދު ބުނެފައިވަނީ، އއ. ފެރިދޫ ކައުންސިލުގެ އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމާއި ގުޅިގެން، އެލްޖީއޭއިން އެކަމުގެ އިންކުއެރީއެއް ހަދާފައިވާ ކަމަށެވެ.
މި މައްސަލައިގައި 21 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެސިސްޓެންޓް ކައުންސިލު އޮފިސަރއަށް އިސްމާއިލް ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ސާބިތުވާތީ، އިސްމާއިލް ޝާހު އެސިސްޓެންޓް ކައުންސިލު އޮފިސަރއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ކަނޑައަޅައި، އެސިސްޓެންޓް ކައުންސިލު އޮފިސަރއާމެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް އިސްމާއިލް ޝާހުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.
އެލްޖީއޭގެ ބޯޑުން މި މައްސަލައިގައި ނިންމި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލައިގައި އެލްޖީއޭއިން ތައްޔާރުކުރި އިންކުއަރީއިން ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ޝާހު އޭނާއަށް މަތިކޮށްފައިވާ ޒިންމާއާ ޚިލާފުވެފައިވާކަން އަދި ޤާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަން ކަށަވަރުވެފައިވާކަމަށެވެ.
މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު އިސްމާއިލް ޝާހުއަށް ދިނުމުން އޭނާ ޖަވާބުގައި ބުނެފައިވަނީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ހެއްކާއި ބެހޭ ޤާނޫނާއި އަދި ވަޒީފާއި ބެހޭ ޤާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްމާއިލް ޝާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާކަން އެލްޖީއޭއިން ފާހަގަކޮށްފައިވެ އެވެ.
އެލްޖީއޭއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ޖިންސީފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި އިސްމާއިލް ޝާހު ޚިލާފުވެފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް އެލްޖީއޭގެ އިންކުއަރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އިސްމާއީލް ޝާހުގެ މި އަމަލުގެ ސަބަބުން އއ. ފެރިދޫ ކައުންސިލުގެ އެންމެހާ މުވައްޒަފުންނާއި އަދި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދެވޭ އަމަލެއްކަމަށް އިންކުއަރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އިސްމާއިލް ޝާހު މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ.
