އަނިޔާވި މުވައްޒަފުގެ ފަރުވާގެ ކަންކަން ގާތުން ބަލައި، އެހީތެރިކަން ދިނުމަށް އާއިލާއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

މާލެ، ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަނިކޮށް، ހުޅުމާލެ ބާ އިންޖީނުގޭގައި މުވައްޒަފަކު ފިހުނު މައްސަލައިގައި އަނިޔާވި މުވައްޒަފުގެ ފަރުވާގެ ކަންކަން ގާތުން ބަލައި، އެހީތެރިކަން ދިނުމަށް އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި މިއަދު އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދީފައިވެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.

”ހަމަ މިއާއިއެކު މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ.“ ސްޓެލްކޯއިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.“
ސްޓެލްކޯއިން ބުނެފައިވަނީ އަނިޔާވި މުވައްޒަފުގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި ސްޓެލްކޯގެ ފަރާތުން ހާމަކުރާނެ ކަމަށެވެ.

މިއަދު މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން، ޕްލެޓިނަމް ފްލެޓް އޭރިއާ، ހުރަވީ ސުކޫލު އޭރިއާ، ނިރޮޅުމަގު ރެޑްބުލް ޕާކް އޭރިއާ އިންނެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ، ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ކަރަންޓު ކެނޑުނީ ކަމަށްވެސް އޭރު ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ