މި ސަރުކާރުގެ ވިސްނުމަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ކުރެއްވި ސުވާލަކީ، ހާއްސަކޮށް ސިއްހީ ނިޒާމުގެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހިފައި އޮތް ތަނެއް ކަމަށާއި، ހުޅުމާލޭގައި ގާއިމްކުރާ ތާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނީ ކޮންއިރަކުންތޯ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުންދާ ކަމަށާއި، އާބާދީ ބޮޑުވަމުންދާ ކޮންމެ ތަނެއްގައި ސިއްހީ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
”މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގަ އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން.“
އެންމެ ފުރަތަމަ ސަރުކާރުން ކުރި ކަމަކީ ހުޅުމާލެ ފޭސް 2 ގައި ޖީޕީ ކްލިނިކެއްގެ ގޮތުގައި އިމަޖެންސީކޮށް ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ ހިދުމަތް މިހާރު 24 ގަޑީރު ހިދުމަތް ދެވޭ ގޮތަށް ތަރަށްގީ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ހުޅުމާލޭގައި އިތުރު ހޮސްފިޓަލެއް އެޅުމުގެ މަސައްކަތް އިންޓަނޭޝަނަލް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ގެންދާ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމަށް ރޭވިފައިވާ ކަމަށާއި، އެ މަސްވަރާތަށް އެބަ ކުރިޔަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް
