އާޒިމާއަށް ކުރި ދައުވާތައް ކުރިއަށްނުގެންދަން ޕީޖީ އޮފީހުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި މައްސަލައިގަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑްރިންގއަށް މަގުފަހުކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 17 ފެބްރުއަރީ 2019 ގަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ މި ދައުވާތައް މުރާޖައާކޮށްދިނުމަށް އާޒިމާ ޝަކޫރުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އާޒިމާގެ މައްޗަށް މި މައްސަލައިގައި 2019 ވަނަ އަހަރު ދައުވާކުރިއިރު، ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާތަނަށް އައިއިރުވެސް ނިމިފައެއް ނުވެ އެވެ. މި މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމުމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓަށްވެސް ގޮސްފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭރު ނިންމީ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ