އައްޑޫ ސިޓީ ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަށް ގޫގުލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބިން ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފި އެވެ.
މިފަދައިން އެ ކައުންސިލުން ނިންމާފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ އެ ކައުންސިލް ގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި އައްޑޫ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ވިދާޅުވީ ހިތަދޫގެ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށްދިނުމަށް އެ ކައުންސިލްގައި މިހާރު އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ބިން ބޭނުން ކުރަނީ ކޮން ބޭނުމަކު ކަން ރަސްމީކޮށް އެ ކައުންސިލަށް ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޝިނާޒު ވިދާޅުވި އެވެ.
ޝިނާޒު ވިދާޅުވީ ރަސްމީކޮށް އެ ކައުންސިލަށް އެ ބިން ބޭނުން ކުރަނީ ކޮން ބޭނުމަކު ކަން ރަސްމީކޮށް ސާފުކޮށްދީފައި ނުވީ ނަމަވެސް ސަރުކާރުން އެ ބިން ބޭނުންކުރަން މިހާރު ނިންމާފައި ވަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތަށްކަން އެނގިފައިވާ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
ޝިނާޒު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް އެ ބިން ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.
”އެ ބިން އައްޑޫ ކައުންސިލަށް ފައިދާ ނުވާ ގޮތަށް ދޫކޮށްލާން ބޭނުމެއް ނުވޭ. ގޫގުލް ޕްރޮޖެކްޓަށް ދޭ އެ ބިމުން ލިބޭ އާމްދަނީ ސަރުކާރުން ކައުންސިލަށް ދޭ ގޮތަށް ކޮމިޓީގެ އެހެން މެމްބަރުންނާ އެކު މަޝްވަރާކުރެވިފަ ވަނީ. އެ ކޮމިޓީގެ އިއްތިފާގުން އެގޮތަށް ފާސް ވެސް ވަނީ ކޮށްފައި.“ ޝިނާޒް ވިދާޅުވި އެވެ.
މި ކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ޒަރީރު ވިދާޅުވީ އެ ބިމަކީ މިލިއަނެއް ހާ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއް ކަމަށެވެ.
”ގޫގުލް ޕްރޮޖެކްޓް އަށް ދޫކުރަނީ 15000 އަކަމީޓަރުގެ ބިމެއް. އެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއް. އެހާ ބޮޑޫ އާމްދަނީއެއް ލިބޭނެ ބިމެއް އައްޑޫގެ ތަރައްގީއަށް ފައިދާ ނުވާނެ ގޮތަކަށް ދޫކުރާކަށް ނުފެނޭ“ ޒަރީރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު އެ ކައުންސިލުން ފާސްކުރީ ގޫގުލްއަށް ދޫކުރާ އެ ބޮޑު ބިމުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭ ގޮތަށް ބިން ދޫކުރަން ފެންނަ ކަމަށެވެ.

ގޫގުލް އިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ދިވަރު ކުރިއަށް ގެންދަން ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގަ އެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓްއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނާއި ގޫގްލްގެ އެގްޒެކެޓިވްސް އާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެއް ކަމަށެވެ.
ގޫގުލްގެ ދިވަރު ކޭބަލް:
-
ދިވަރު“ ނަމުގައި ޤާއިމްކުރާ އާ ސަބްސީ ކޭބަލްއިން ރާއްޖެ، ކްރިސްމަސް އައިލެންޑް، އަދި އޮމާން ގުޅުވައިދޭނެ.
-
ގޫގުލްއިން ރާއްޖެ އާއި ކްރިސްމަސް އައިލެންޑްގައި ދެ ކަނެކްޓިވިޓީ ހަބް ގާއިމުކުރާނެ.
-
މި ނެޓްވޯކް މެދުވެރިކޮށް އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޚިދުމަތްތައް (މިސާލަކަށް ޖެމިނައި) ގެ ހިދުމަތް ވަރުގަދަކޮށް، ހުލުވިކުރާނެ
-
މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ޑިޖިޓައިޒް އިޤްތިޞާދު ބައްޓަންކުރުމަށް ލިބޭ ބޮޑު އިތުބާރެއް.
މި އިންވެސްޓްމަންޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީ ދާއިރާއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮނޮމިކް މިނިސްޓްރީން ފާހަގަކުރެ އެވެ. އެގޮތުން، ރާއްޖޭގެ އިންވެސްޓްމަންޓްގެ މާޙައުލު އިތުރަށް ކުރިއަރައި، ގޫގުލްގެ ކްލައުޑް ސަރވިސަސް އަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއްގެ މިފަދަ ބޮޑު އިންވެސްޓްމަންޓަކީ އިތުރު އިންވެސްޓަރުން ރާއްޖެއަށް އައުމަށް ހިތްވަރުދޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، ޓެކްނޮލޮޖީ ދާއިރާގައި ތަޖުރިބާ އިތުރުވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
