އައްޑޫ ސިޓީއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީގެ ރައްޔިތުންނަށް ދެއްވައިފި އެވެ.
ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ އެ ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، އެއީ ކުދިކުދި ކަންކަން ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް މިއަދާ ހަމައަށް އައިއިރު ސަރުކާރުން އަށެއްކަ ޖެންސެޓް އެ ސިޓީއަށް ފޮނުވުނު ނަމަވެސް، އަދިވެސް ހިތްހަމަޖެހޭ ހައްލެއް އެކަމަށް ނާންނަ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަކިން ކަރަންޓު ގާއިމުކުރަން ޖެހޭއިރު، ދާއިމީ ވަށާޖެހޭ ހައްލެއް އެ މައްސަލައަށް ހޯދަން ޖެހެ އެވެ.
އެގޮތުން ވަރަށް އަވަހަށް 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީއެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހެންވީމާ 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީއެއް ގާއިމުކުރުމަށް ސަރުކާރުން މިވަނީ ނިންމާފައި. އެކަމަށްޓަކައި ފަށާ ބިޔަބޮޑު މަޝްރޫއެއް ފެށުމަށް މިވަނީ ނިންމާފައި. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ އިދާރީ ފަންނީ މަސައްކަތްތައް ކުރަމުން އެ ގެންދަނީ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރެވި، ވީހާވެސް އަވަހަކަށް ޖަނަރޭޓަރުތަކާއި ޕަވާ ހައުސް އަޕްގްރޭޑްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރު ހުރި ސެޓަޕްގެ ތެރެއިން ރަނގަޅުކުރެވެން ހުރި ކަންކަންވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ. ފެނަކައިންވެސް ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހުއްޓާނުލާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
