އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ބައެއް އިދާރާތަކަށް ބަޖެޓް އިތުރު ކުރުމަށް އެފަރާތްތަކުން އެދުނުގޮތަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުނުކަމަށެވެ. ނަމަވެސް އެ ބަދަލު ގެނެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވި ކަމަށް ސަލީމް ވިދާޅުވި އެވެ.
”ނަމަވެސް އެ ބަދަލު ގެނެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ އިތުރަށް ބަޖެޓަށް ފައިސާ ދެވެން ނެތްކަމަށް.“ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އިދާރާތަކަށް ބަޖެޓަށް ދަތިވާނަމަ އެ ފައިސާ ޚާއްްސަ ބަޖެޓްގެ ތެރެއިން ދޫކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށެވެ.
ސަރުކާރުން ހުށަހެޅިގޮތަށް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 10 މެންބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރު އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ބަޖެޓް ކޮމިޓީ ދައުލަތުގެ ބަޖެޓް
