މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ކުރިން ރައްޔިތުންގެ ”ފެންނަ ނުފެންނަ“ ވޯޓަކަށް ލާޒިމުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން އެ މެންބަރަކު ވަކިކުރާ ހާލަތުގައި މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގަންޖެހޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މި އިސްލާހުގައި ވަނީ މިފަހުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދަށަށް އިތުރު އިޖުރާއަތެއް ހިމެނުމަށް ހުށަހަޅާފަ އެވެ.

ޝުޖާއުގެ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެއްގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ.

މީގެއިތުރުން އެ އާންމު ވޯޓުގައި، މަޖިލީހުގެ މެންބަރު ކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ހުލާސާކޮށް ޝުޖާއު ހުށަހެޅުއްވި އިސްލާހް:

  • މެންބަރުކަން ގެއްލުމުގެ ކުރިން ވޯޓު ނެގުން:

    • މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ.

    • މެންބަރުކަމުން ވަކިކުރަން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މެންބަރުކަން ގެއްލޭނެ.

  • އާންމު ވޯޓުން ވަކި ނުކުރެވުން:

    • އެ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނާނީ މިނިވަން މެންބަރެއް (އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ) ގޮތުގައި.

  • މިނިވަން މެންބަރުކަމަށްފަހު ޕާޓީއަކަށް ވަނުން:

    • މަޖިލީހުގެ އެ އުމުރުގެ ތެރޭގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުއްޓާ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން.

މެންބަރުންގެ ގޮނޑިގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގެނައި އިސްލާހު:

ޤާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

އެގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގައި މި ހާލަތްތައް ބަޔާންކުރާއިރު، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފަ އެވެ.

މެންބަރުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއްގެ ގޮތުަގއި ސުޕްރީމް ކޯޓަށް ހުށަހަޅާ، އެ ކޯޓުން އައީ މައްސަަލަ ބަލަމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނުނު ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަންފަށައި ސަސްޕެންޑް ކުރި ހިސާބުން މައްސަލަ އޮތީ ހުއްޓިފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ފަނޑިޔާރުން ހަމައަށް ތިއްބެވިނަމަވެސް އޭގެފަހުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު ޤާނޫނުއަސާސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ