ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ފެރޯ އައިލެންޑް ބަލިކޮށް، ކްރޮއޭޝިއާ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.
ރޭގެ މެޗަށް ނިކުތްއިރު ފެރޯ އައިލެންޑަށް ހަނި ފުރުސަތެއް އޮތް ނަމަވެސް، މެޗުން ބަލިވުމާއެކު ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ.
ރޭގެ މެޗު ފެށިގެން 16 ވަނަ މިނެޓުގައި ގްރިމްސްބީ ޓައުން އަށް ކުޅެމުން އަންނަ ގެޒާ ޑޭވިޑް ޓުރީ ވަނީ ލަނޑެއް ޖަހައި ފެރޯ އަށް ކުރިހޯދަދީފައެވެ. ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެނެވެ. އެގޮތުން، މެޗުގެ 23 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ޖެހި ލަނޑާއެކު ކްރޮއޭޝިއާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 57 ވަނަ މިނެޓުގައި ޕީޓާ މޫސާ ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ އަށް ކުރިހޯދަދީފަ އެވެ. އެއީ 2023 ވަނަ އަހަރުގެ ފަހުން އޭނާ ކްރޮއޭޝިއާ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން ނިކޯލާ ވްލާސިޗް ވަނީ ލަނޑު ޖަހައި ކްރޮއޭޝިއާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއާއެކު، އެ ޓީމުން ވަނީ މެޗުން ތިން ޕޮއިންޓު ހޯދާފަ އެވެ.
ކްރޮއޭޝިއާ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށްވުރެ ހަ ޕޮއިންޓު އިތުރަށް ހޯދައިގެނެވެ. ކްރޮއޭޝިއާ އަށް 19 ޕޮއިންޓު ލިބިފައިވާއިރު ޗެކް ރިޕަބްލިކަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.
