އަންނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ރަސްމީކޮށް ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށާއި ހައްޖުގެ ނިޒާމް ހަރުދަނާ ކުރުމަށް ސައުދީ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ޑރ. ޝަހީމް ވަނީ ހައްޖު މުބާޝިރު އިނީޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދުމަށް މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ހާމަކުރައްވާފަ އެވެ.
ހައްޖު މުބާޝިރު އިނީޝިއޭޓިވް އަކީ އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ޤައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ އިނީޝިއޭޓިވް އެކެވެ.
އިސްލާމިކް މިނިސްޓްރީ އިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ދަތުރުފުޅުގައި ޑރ. ޝަހީމް ވަނީ ސައުދީގެ ހައްޖާއި ޢުމްރާގެ ވަޒީރު ޑރ. ތައުފީގާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތަކަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ޑރ. ޝަހީމް ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީން ކަން ވެސް ޑރ. ޝަހީމް ދެއްވާފައިވެ އެވެ. މީގެ އިތުރުން، އެ ގައުމުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަން ފާހަގަކުރައްވައި، މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެ އެވެ.
ހައްޖު ރާއްޖެ - ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
