ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވީ ވިލިނގިލީ، ސޯސަން ވިލާ 26 އަހަރުގެ ވިކާޝް އަހުމަދެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފަތިހު 01:25 ހާއިރު އެވެ. ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ސަމުގާ މަގުން ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ވިކާޝް ވެއްޓިފައި ވަނީ އޭނާ ދުއްވި ސައިކަލު ގެއެއްގެ ފާރުގައި ޖެހި އެކްސިޑެންޓު ވެގެންނެވެ.
އަނިޔާގެ ސަބަބުން ވިކާޝްއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފަ އެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ. ވިކާޝްގެ ކަށުނަމާދު ކޮށްފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގަ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
