ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ސައިކަލު ދުއްވަން އިންމީހާ ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.
ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓްއަށް ދާ މަގު ހުރަސްހުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓްގައި މަގު ހުރަސްކުރި ދެ މީހުންގެ ތެރެއިން 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި އެކްސިޑެންޓާއި ގުޅިގެން ރޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައިވަނީ ސައިކަލު ދުއްވަންއިން ހޯރަވިލާ / ލ. ފޮނަދޫ، މުހައްމަދު ނައުސާން އެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.



