ގޭމް ކުޅޭ ފަރާތްތަކުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދާ ގޭމް ކަމަށްވާ ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) ނެރުން ދެވަނަ ފަހަރަށް ފަސްކޮށްފިކަން ރޮކްސްޓާ ގޭމްސްއިން އިއުލާނުކޮށްފި އެވެ.
ޖީޓީއޭ 6 އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައިއޮތީ މި އަހަރުގެ އޮޓަމްގަ އެވެ. ނަމަވެސް އޭގެފަހުން ގޭމް ނެރުން ވަނީ އަންނަ އަހަރުގެ މެއި މަހަށް ފަސްކޮށްފަ އެވެ.
ގޭމް ނެރުން ދެވަނަ ފަހަރަށް ފަސކުރިކަން އިއުލާންކޮށް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ރޮކްސްޓާ ގޭމްސްއިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ނޮވެމްބަރުގައި ގޭމް ނެރުމަށް އަންނަނީ ތައްޔާތުވަމުންނެވެ. އަދި ބުނެފައިވަނީ ގޭމްގެ ފެންވަރު އެންމެ އެދެވޭ މިންވަރަށް ގެނައުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ކުންފުނިން ވަނީ މި ލަސްވުމަށް މާފަށް އެދިފަ އެވެ.
މި ގޭމްގެ ކުރީގެ ވާޝަން ކަމަށްވާ ޖީޓީއޭ 5 ނެރެފައިވަނީ 12 އަހަރު ކުރިން 2013 ވަނަ އަހަރުގަ އެވެ. އެ ގޭމަކީ މިހާތަނަށް ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ވިކިފައިވާ ވީޑިއޯ ގޭމެވެ. އަދި އޭގެ އޮންލައިން މޯޑުގެ ސަބަބުން މިހާރު ވެސް އެ ގޭމަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެ އެވެ.

ރޮކްސްޓާ ގޭމްސްއަކީ ގޭމްތައް ނެރުން ލަސްކުރުމުގެ ތާރީޚެއް އޮތް ކުންފުންޏެކެވެ. މިއީ އެ ކުންފުނީގެ ފުރިހަމަ ކަމަށް ދޭ ސަމާލުކަމާއި، މިޒަމާނުގެ ގޭމްތައް ތަރައްޤީ ކުރުމުގެ ބޮޑު ހޭދައާއި، އުނދަގޫކަމުގެ ސަބަބުން ދިމާވާ ކަމެކެވެ. ޖީޓީއޭ 6 ނެރޭ ހިސާބުން، މިއީ މިހާތަނަށް ހަދާފައިވާ އެންމެ އަގުބޮޑު އެއް ގޭމަށް ވާނެ ކަމަށް ބެލެވޭއިރު، ރެކޯޑް އަދަދަކަށް ވިކޭނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
ގޭމް ނެރުން އަނެއްކާވެސް ފަސްކޮށްފައިވާކަން އިއުލާންކޮށްފައިމިވަނީ ރޮކްސްޓާގެ ޔޫކޭ ސްޓޫޑިއޯތަކުން 31 މުވައްޒަފުން ވަކިކޮށްފައިވަނިކޮށެވެ. އިންޑިޕެންޑެންޓް ވޯކާސް ޔޫނިއަން އޮފް ގްރޭޓް ބްރިޓަން (އައިޑަބްލިޔުޖީބީ) އިން ތުހުމަތުކުރާގޮތުގައ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ޔޫނިއަން ހެދުމަށް މަސައްކަތް ކުރާތީކަމަށް ތުހުމަތުކޮށްފަ އެވެ.
ރޮކްސްޓާ އިން މި ގޭމާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ. މިހާތަނަށް ނެރެފައިވަނީ އެންމެ ދެ ޓްރެއިލަރެވެ. އެންމެ ފަހުން ޓްރެއިލަރ ނެރެފައިވަނީ މި އަހަރުގެ މެއި މަހު އެވެ. މި ޓްރެއިލަރުން ކުޅުންތެރިންނަށް ވަނީ ގޭމްގެ މައިގަނޑު ދެ ކެރެކްޓަރުން ކަމަށްވާ ޖޭސަން އާއި ލޫސިއާ، އަދި ލިއޮނިޑާގައި އެ ދެމީހުންގެ ކުށުގެ ދިރިއުޅުމުގެ މަންޒަރުތައް ފެނިގެން ގޮސްފަ އެވެ.
