މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މާލެ ބަނދުރު ބޭރުގައި މުދާ ބަދަލުކުރަނިކޮށް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި 2 މީހަކު ނިޔާވުމާއި ގުޅިގެން އެ ކުންފުނީގެ އެތެރޭގެ ތަހުޤީޤްއެއް ފަށައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. އެއީ މާލެ ވިޔަފާރި ބަނދަރުގެ ބޭރުން، ކާގޯ ބޯޓެއްގައި ހުރި ހައިމާކުތަކެއް ކުޑަ ކޮޅުވެއްޓިއަކަށް ބަރުކުރަނިކޮށް، އެ ކޮޅުވެއްޓި އަރިއަޅާލައިގެންނެވެ. އެ ހާދިސާގައި އެމްޕީއެލްގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ދެ މީހަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ހާދިސާގައި ނިޔާވި މީހުންގެ ތަފްސީލްތައް:
މި ހާދިސާގައި ނިޔާވެފައިވަނީ ހާދިސާގަ އެންމެ ބޮޑެތި އަނިޔާތައް ލިބުނު ދެ މީހުންނެވެ. ފުރަތަމަ ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޕީއެލްގެ ލޭބަރާރ މަސޫދު ހޮސެއިން (32އ) އެވެ. އޭނާ ނިޔާވީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.
އެމްޕީއެެލް އިން ބުނި ގޮތުގައި މަސޫދު ވަނީ އެ ކުންފުންޏަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފަ އެވެ. އެއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ދެވަނައަށް ނިޔާވެފައިވަނީ އެމްޕީއެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް ޢަބްދުﷲ (25އ) އެވެ. އޭނާ ނިޔާވީ ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަފްލާޙް އެމްޕީއެލްއާ ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

އެ ހާދިސާއާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ވަނީ މި ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ އާޢިލާއަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ކިޔާފަ އެވެ. އަދި އެމްޕީއެލުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަނީ އެ ކުންފުނީގެ އެތެރޭގެ ތަހުޤީޤްއެއް ފަށާފަ ކަމަށެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު، އޭގައި 14 މީހުން ތިބިކަމަށް އިއްޔެ ފުލުހުން ބުނެފައިވެ އެވެ. އޭގެތެރެއިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވަނީ 6 މީހަކަށެވެ. ބާކީ ތިބި މީހުންގެ ހާލު ރަނގަޅުކަން އެނގިފއިވެ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު:
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑިއޯތަކުން ފެންނަ ގޮތުގައި އެ ކޮޅުވެއްޓިއަށް ބަރުކުރުމަށް މަސައްކަތްކޮށްފައިވަނީ ކާގޯ ބޯޓެއްގައި ހުރި ދެ ހަައިމާކު އެވެ. އޭގެތެރެއިން އެއް ހައިމާކު، ކޮޅުވެއްޓީގައި އިންއިރު، ދެވަނަ ހައިމާކު ބައިންދާ ކޮޅުވެއްޓި ސްޓޭބަލްކުރުމަށް މަސައްކަތްކުރެ އެވެ. ނަމަވެސް އެ މަސައްކަތްކޮށްފައިވަނީ މާލޭގެ ފަރާ ތަންކޮޅެއް ކައިރިންކަމުން އޮއިގަދަވެ، ކޮޅުވެއްޓި އޭރުވެސް ވަރަށް ބޮޑަށް ކޮޅުކޮޅަށް އަރި އަޅަމުންދިޔަކަން ފާހަގަކުރެވިފައިވެ އެވެ.
’ޖަވިޔަނި‘ އިން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި ހާދިސާ ހިނގުމަށް ބޮޑަށް މެދުވެރިވީ ކޮޅުވެއްޓީގެ ސައިޖް ކުޑަވެފައި، އެ ސަރަހައްދުގެ އޮއިވަރު ހުރި ގޮތުންނެވެ. އަދި ހައިމާކުތައް ރަނގަޅަށް ބަރުނުކުރެވުމުން، ގްރެވިޓީއަށް އަސަރުކުރުމުންނެވެ.
