ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން: ޑރ. ޝަހީމް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ވަޤުފާއި ބެހޭ ގާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް އާރުއާރުސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ވަގުފު މަޝްރޫއުތަކަކީ އިސްލާމީ ހަޟާރަތުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މަޝްރޫއުތަކެއް ކަމަށާއި އިސްލާމީ ޙަޟާރާތް އެކި ޒަމާންތަކުގައި ކުރިއަރާ ދިއުމަށް ވަޤުފު މަޝްރޫއު ތަކުގެ ދައުރު ފެންނަން އެބަ ހުރި ކަމަށެވެ.

ރާއްޖެއަށް މިއަދު އައުޤާފްތަކުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައި ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަޤުފް މަޝްރޫޢުތަކަށް ފުޅާ ޖާގައެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެެ އެކިކަންކޮޅުތަކުގައި ވަޤުފް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ސޮއި ކުރެވިގެންދިޔަ ވަގުފު މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ހިދުމަތަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއުއަކަށް މިއަދު ސޮއިކުރެވުނު މަޝްރޫއު ވެގެންދާނެ ކަމަށެވެ. މި މަޝްރޫއު ނިމި ގާއިމްކުރެވޭ އިމާރާތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ޒަކާތު ފަންޑަށާއި އިސްލާމީ ވަޤުފު ފަންޑަށް ޖަމާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަތޮޅުތަކާއި ސިޓީތަކުގައި ވަޤުފު މަޝްރޫއުތައް ހިންގުމުގެ މަގްސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫއުތަކުން ހަރަދުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން މިކަމަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށާއި މިކަމާއި ބެހޭ ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

”އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މާތް ﷲ އިރާދަކުރެއްވިއްޔާ ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް. މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށް.“ ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ