އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރޭ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތައް އިސްލާހުކުރުމަށް ފެނަކައިން އަމަލުނުކުރާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއްވީ، ކުންފުނީގެ ކަންކަން ހިނގަމުންދަނީ ކުރިން ދިމާވި މައްސަލަތައް ތަކުރާރުވާ ގޮތަށް ކަމަށެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށެވެ.
ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ފެނަކައިގެ އޮޑިޓުން ފެންނަން ހުރި މައްސަލަތަކަކީ އޭރު ވެސް އަދި މިހާރު ވެސް ބަރާބަރަށް ހިނގަމުންދާ ކަންތައްތައްކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މެމްބަރުން ވަނީ މަޝްރޫއުތައް ހަވާލުކޮށް، ނުފެށި ހުރުމާއި، ފިނޭންސް މިނިސްޓްރީން ބޭނުން ގޮތަކަށް ކުންފުނިތަކަށް ފައިސާ ދޫކުރުން ފަދަ ކަންތައްތަކަކީ ތަކުރާރު ވަމުންދާ ކަންކަން ކަމަށް ވިދާޅުވެފަ އެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ ފެނަކައަކީ އެންމެ ގިނައިން ހާއްސަ އޮޑިޓް ހަދާ އެއް ކުންފުނި ނަމަވެސް، އެ އޮޑިޓުތަކުގައި ދީފައިވާ ލަފާތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރިޕޯޓުތަކުން ފެނަކައިގެ ޕްރޮކިއުމެންޓް އުސޫލު ބަދަލުކުރުމަށް ލަފާދީފައި ވެސް ވެއެވެ.
އޮޑިޓް އޮފީހުގެ މަސައްކަތުގެ ސްކޯޕާއި ޒިންމާ ދިވެހިރާއްޖޭގެ އެކައުންޓެބިލިޓީ ނިޒާމުގެ ތެރެއިން އޮތް ގޮތަށް އަލިއަޅުވާލައްވަމުން އައިމަން ވިދާޅުވީ، އޮޑިޓް އޮފީސް އޮތީ މަޖިލީހަށް ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގައި އެހީތެރިވެދޭ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އޮޑިޓް އޮފީހަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ރެކޮމެންޑޭޝަންތައް ތަންފީޒު ނުކުރާނަމަ އެކަން މަޖިލީހަށް ރިޕޯޓުކުރުން ކަމަށެވެ.
ފެނަކައިގެ ހާއްސަ އޮޑިޓެއް މިދިޔަ މަހުގެ ފަހުކޮޅު އޮޑިޓު އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން 2021 އިން 2023 ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވެ އެވެ. މި ހަރަދުތަކުގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި، ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވާކަން އޮޑިޓުން ވަނީ ހާމަކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމެޓީ ފެނަކަ
