ޤާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ފަރާތުން އިތުރަށް އެހީތެރިކަން ބޭނުންވޭ: ސީއޭ މޯލްޑިވްސްގެ ރައީސް

Advertisement

އެންމެ ފަސް

Advertisement

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އިތުރަށް އެހީތެރިކަން ބޭނުންވާ ކަމަށް ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް މިފަދައިން ވިދާޅުވީ އެ އިންސްޓިޓިއުޓުން ކޮންމެ އަހަރަކު ބާއްވަމުންދާ ”މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް“ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ކުރިއަށްދާނީ މިމަހު 11 އަދި 12 ވަނަ ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:00 އަށް އެމްއެންޔޫ އޮޑިޓޯރިއަމްގަ އެވެ. މި ފޯރަމްއަކީ ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެކައުންޓެންޓުން، ފައިނޭންސް އަދި ވިޔަފާރި ކުރިއަރުވާ ފަންނުވެރިންގެ އިތުރުން، އެކި ފާއިރާތަކުގައި ވިޔަފާރިއާ ގުޅުންހުރި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްއެކެވެ. މި ފޯރަމްގައި 300 އެއްހާ ބައިވެރިން ބައިވެރިވެ އެވެ.

މިއީ ރާއްޖޭގައި ބޭއްވީ މިފަދަ އެންމެ ބޮޑު ފޯރަމް އެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް އެކްސްޓަރނަލް އޮޑިޓް ހިދުމަތްދޭ އޯޑިޓަރުން ކުރާ މަސައްކަތުގައި އޮޑިޓް ކޮލިޓީ ރިވިއު ހެދުމަށް ދައުލަތުގެ ސަޕޯޓް ކޮންމެހެން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަކީ ޤާނޫނީގޮތުން ސީއޭ މޯލްޑިވްސް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ.

ހަލީމް ވިދާޅުވީ، ބޭންކުތަކުން ދޫކުރާ ލޯނުތައް އަދި ކުންފުނިތަކުންދޭ ކުރެޑިޓް ބިނާކުރެވެނީ ކުންފުނިތަކުގެ މާލީ ހިސާބުތަކުގެ މައްޗަށްކަމުން މިފަދަ ހިސާބުތައް އޮޑިޓްކޮށްފައިވަނީ މަކަރުހެދުމެއްނެތި ރަނގަޅަށްކަން ޔަޤީންކުރުމަކީ އެހެން ޤައުމުތައް ފަދައިން ރާއްޖޭގެ މުޅި މާލީ ނިޒާމްގެ ތެދުވެރިކަމާއި އިތުބާރު އުފެއްދުމަށް ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އަދި އޮޑިޓަރުން ކުރާ މަސައްކަތުގެ ކޮލިޓީ ރިވިއު ހެދުމާއި އެކަމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ކުރެޑިޓް ރޭޑިން އެޖެންސީތަކުން ރާއްޖޭގެ މާލީ މުއާމަލާތްތަކާއި ހިސާބުތަކަށް މިހާރަށްވުރެވެސް ބޮޑަށް އިތުބާރު އުފެދޭނެ ކަމެއްކަމާއި، އަދި މިކަންވެގެންދާނީ ރާއްޖޭގެ މުޅި މާލީ ނިޒާމަށާއި އިގްތިސާދަށް ލިބިގެންދާނެ ކުރިއެރުމަކަށްކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މަސައްކަތްތަކުރާ އެކައުންޓެންޓުން ރަޖިސްޓްރީކުރުމާއި އެކު ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމަކީވެސް ސީއޭ މޯލްޑިވްސްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއްކަން ހަލީމް ފާހަގަކުރެއްވި އެވެ.

ސީއޭ މޯލްޑިވްސްގެ ”މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް“ ގެ މިއަހަރުގެ ޝިއާރަކީ ސްޓްރެންތެނިން ފައިނޭންޝަލް ގަވަރނެންސް އެންޑް އެކައުންޓެބިލިޓީ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ