އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އދ. ގެ މީހުން ދިރިއުޅޭ 10 ރަށް ކަމުގައިވާ ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދޫއަށް ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކޮންމެ ރަށެއްގައިވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވި އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމާއި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނެ އެވެ.
ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަކުރެއްވުމެވެ. މި ޚިދުމަތް ފުރިހަމަވެގެން ދިޔައީ އދ. މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމާ އެކުގަ އެވެ.
އޭގެއިތުރުން ރައީސް ވަނީ ރާއްޖޭގެ އެކި މައްސަލަތައް ހައްލުކުރުމަށް މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް މި ދަތުރުފުޅުގެ ތެރޭގައި އިޢުލާންކުރައްވާފަ އެވެ. މީގެ އިތުރުން، ދިވެހީންގެ މެދުގައި އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށް ”އިޙްތިރާމް“ ނަމުގައި ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ރާއްވަވާފައިވާކަންވެސް ހާމަކުރެއްވި އެވެ.