ޑީއާރްޕީ ދަރަނި: އެމްޓީސީސީން ދައުވާ އަނބުރާ ގެންދިއުމުން، ރައީސް މައުމޫންވެސް މައްސަލަ ބާތިލުކޮށްދޭން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލު ކޮށްދިނުމަށް ރައީސް މައުމޫންގެ ފަރާތުން އެދިއްޖެ އެވެ.

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮތް މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކޮށްދިނުމަށްއެދި އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. މި ނިންމުން ހައި ކޯޓުގައި އެމްޓީސީސީގެ ފަރާތުން އިސްތިއުނާފުކޮށް އިސްތިއުނާފީ ތިން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އެމްޓީސީސީން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން ރައީސް މައުމޫންގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ނަގާ ބުނެފައިވަނީ، މި މައްސަލައިގައި ޖުމުލަ 5 މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، މިއިން އެއްވެސް މައްސަލައެއްގައި މައުމޫނަކީ ހަސްމެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ސިފައެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ދަށު ކޯޓުގެ މައްސަލަތަކެއް އިސްތިއުނާފީ މަރުހަލާގައި އައުމުން، އިސްތިއުނާފީ މައްސަލަ ރައީސް މައުމޫނަށް ރައްދު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. މި އިޖުރާއީ އިއުތިރާޒާ ގުޅިގެން ރައީސް މައުމޫނުގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ ސިވިލް ކޯޓުގެ މި ގަޟިއްޔާގެ އިސްތިއުނާފު ރައީސް މައުމޫނަށް ރައްދުވާގޮތަށް ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފީ 3 ނުކުރާގެ ތެރެއިން 1 އަދި 3 ވަނަ އިސްތިއުނާފީ ނުކުރާއަށް ޖަވާބުދާރީވާން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އިސްތިއުނާފީ 2 ވަނަ ނުކުތާއަށް ޖަވާބުދާރީވުމަށް އަންގާފައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ ނިންމުން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހުގެ ތެރޭގަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ، މައްސަލަ އިސްތިއުނާފު ކުރެއްވި ރައީސް މައުމޫންގެ ފަރާތުން މައްސަލަ ބާތިލުކޮށްދިނުމަށްއެދި ސިޓީއަކުން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ޝަރީއަތުގައި ވިދާޅުވީ މައްސަލަ ބާތިލުކޮށްދިނުމަށް އެދުނީ، މި މައްސަލައަކީ ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ހުށަހެޅި އިސްތިއުނާފަކަށްވާއިރު، އެމްޓީސީސީގެ އެދުމަށް ހައިކޯޓުގައި ކުރިއަށްދާ މައްސަލަ ބާތިލުކޮށްފައިވާތީ ކަމަށެވެ. ހައިކޯޓުގެ މައްސަލަ ބާތިލުކުރުމުން މި މައްސަލަ އިތުރަށް ކުރިއަށްގެންދަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ މައްސަލަ ބާތިލުކޮށްދިނުމަށްއެދުނުކަން ވަކީލް ފައިސަލް ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ މި މައްސަލައިގައި ޝަރީއަތުން ނިންމާގޮތެއް މިއަދު ހިއްސާކުރައްވާނެ ކަމަށެވެ.

ޑީއާރްޕީގެ ދަރަންޏަށް ރައީސް މައުމޫން ޒިންމާކުރުވަން އެމްޓީސީސީން ހައިކޯޓަށް ހުށަހެޅި މައްސަލަ، އެމްޓީސީސީގެ އެދުމުގެ މަތިން ބާތިލުކޮށްފައިވަނީ 2025 އޭޕްރިލް 15 ވަނަ ދުވަހު އެވެ.

ހައި ކޯޓު ރައީސް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ