ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެ އެތެރެކުރުން މަނާ ވޭޕްއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު އެއްބަނޑު އެއްބަފާ ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ.
އޮޕަރޭޝަނުގައި ބަލައި ފާސްކުރުމުން، ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111,880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މި ތަކެތި ވިއްކުމަށް ބޭނުންކުރާ ސޯޝަލް މީޑިއާ ޗެނަލްތަކާއި މޯބައިލް ފޯނުތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން ނަޝްވާން މުޙައްމަދު އާއި ނަޙުޒާން މުޙައްމަދު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. ނަމަވެސް ނަބުހާން މުޙައްމަދު ވަނީ ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.
ފުލުހުން މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ދެއްވާފައިވެއެވެ.