ޅ. ނައިފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އާއި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނައިފަރަކީ 5,787 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި ރަށެކެވެ. ނައިފަރުގެ ބަނދަރު ކުޑަވުމުގެ ސަބަބުން މުދާ އަރުވައި ބޭލުމަށާއި އަރައި ފޭބުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމަށް މި މަޝްރޫ ވަރަށް މުހިންމު ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ.
މި މަޝްރޫއަކީ 47.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ އެއްގަމު ތޮށްޓާއި، 182 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ. މީގެ އިތުރުން 1,390 އަކަ މީޓަރުގެ ޕޭވްމަންޓް އަޅައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މި މަސައްކަތްތައް ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޅ. ނައިފަރު އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)