އާ ޖެނެރޭޓަރުތަކެއްގެ ގޮތުގައި ފެނަކައަށް ބާ 10 ޖެނެރޭޓަރު ބޮޑު އަގުގައި ވިއްކާފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ އޮޑިޓް އޮފީހުން ރޭ ދަންވަރު ނެރުނު ފެނަކައާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ފެނަކައަށް މުޅިން އާ ޖެނެރޭޓަރު ސެޓް ސަޕްލައިކޮށްދިނުމަށް 7 އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ތެރޭގައި އެކްސްކޯ ޕްރައިވެޓް ލިމިޓެޑާއި އެމްބަރ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން ފެނަކައިން އެކުންފުނިތަކާ ހަވާލުކޮށްފައިވަނީ އާ ޖެނެރޭޓަރު ސެޓު ގަންނަން ކަމަށްވީ ނަމަވެސް އެ ކުންފުނިތަކުން ފެނަކައަށް ވިއްކާފައިވަނީ ރިފަރބިޝްޑް ޖެނެރޭޓަރުތަކެއްކަން އެ ކުންފުނިތަކުން އެ ޖެނެރޭޓަރުތައް ރާއްޖެއަށް އެތެރެ ކުރި އިރު ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަ ކުރެވޭކަމަށް ރިޕޯޓުގައި ބުނެ އެވެ.
އެ ޖެނެރޭޓަރުތައް ފެނަކައާ ހަވާލު ކުރުމުން ފެނަކައިން ތައްޔާރު ކުރި ’ގެނެރޭޓަރ އިންސްޕެކްޝަން ރިޕޯޓް‘ ތަކުގައި ވަނީ މި ކުންފުނިތަކުން ސަޕްލައި ކޮށްފައިވަނީ ’ބްރޭންޑް ނިއު‘ ޖެނެރޭޓަރުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކްސްކޯ ކުންފުނިން ޖުމުލަ 8 ޖެނެރޭޓަރެއް ފެނަކައަށް ވިއްކި އިރު އެމްބަރ ކުންފުނިން ވަނީ 2 ޖެނެރޭޓަރެއް ފެނަކައަށް ވިއްކާފަ އެވެ. މި ޖެނެރޭޓަރުތައް ގަތުމަށާއި ޑިއުޓީއަށް އެ ދެ ކުންފުނިން ހަރަދުކޮށްފައިވަނީ ޖުމުލަ 2،880،372 ރުފިޔާ އެވެ. ނަމަވެސް މި 10 ޖެނެރޭޓަރު އެ ކުންފުނިތަކުން ފެނަކައަށް ވިއްކާފައިވަނީ 17،388،240 ރުފިޔާ އަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި އަމަލަކީ މަކަރާ ހީލަތް ހެދުމުގެ އަމަލެއް ކަމަށާއި ބާ ޖެނެރޭޓަރުތަކެއް އާ ޖެނެރޭޓަރުގެ އަގުގައި ފެނަކައަށް ގަތުމަކީ ވަކި ބަޔަކަށް މާލީ މަންފާއެއް ލިބިގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މި ޖެނެރޭޓަރުތަކަކީ އާ ޖެނެރޭޓަރުތަކެއް ނަމަ އެ ތަކެތި އެތެރެ ކުރި ފަރާތުން އިމްޕޯޓް ޑިއުޓީ ކުޑަ ކުރުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށާއި އެއީ ސްޓަމްސް ގާނޫނުގެ ދަށުން ކުށެއްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު