ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފެނަކަ ކޯޕަޜޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ އާއިލީ ގުޅުން އޮންނަ ބައެއްގެ ކުންފުނިތަކަކަށް އެ ވެރިކަމުގައި ފެނަކައިން 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ އޮޑިޓް އޮފީހުން ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް އޮފީހުން ރޭ ދަންވަރު އާންމު ކުރި މި ރިޕޯޓުގައި ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ކުރީގެ އެމްޑީ ސައީދާ ގުޅުން ހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 92 އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން ޖުމުލަ 49.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސައީދުގެ އާއިލީ ގުޅުން ހުންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އޭނާގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓާކޮށްފައިވާ 2 ކުންފުންޏަކާއި ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިތަނުން ޅިޔަނުންގެ 2 ކުންފުންޏާއެކު 90 އެއްބަސްވުމެއް ހަދާފައިވާއިރު ޅިޔަނުގެ ދަރީގެ ހިއްސާ އޮންނަ ކުންފުންޏާއެކު ވަނީ 2 އެއްބަސްވުމެއް ހަދާފަ އެވެ.
މި 3 ކުންފުނީގެ ތަފްސީލުވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ޝެލްޓަރ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮތް ކުންފުންޏަކަށް 84 އެއްބަސްވުމެއްގެ ދަށުން 16.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ކުންފުންޏަކަށް 6 އެއްބަސްވުމެއްގެ ދަށުން 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮތް ކުންފުންޏަކަށް 2 އެއްބަސްވުމެއްގެ ދަށުން 4.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މި ކުންފުނިތަކުގެ ތެރެއިން ޝެލްޓަރ ކުންފުންޏާ އާންމުކޮށް ހަވާލުކޮށްފައިވަނީ ފެނަކައިން ރަށްރަށުގައި އިމާރާތް ކުރަމުން ގެންދިޔަ އިންޖީނުގެ އާއި އޮފީސް އިމާރާތްތަކަށް ބޭނުންވާ އެލްމެނިއަމް ދޮރު ޖެހުމުގެ މަސައްކަތެވެ. ޕަވަރޭ ކުންފުންޏާ ހަވާލުކޮށްފައިވަނީ އޮފީސް އިމާރާތަކާއި އިންޖީނުގެ އެއް އެޅުމުގެ މަސައްކަތާއި 3 ރަށެއްގެ އިންޖީނުގެއަށް ބޭނުންވާ ފިއުލް ޓޭންކް ހެދުމުގެ މަސައްކަތާއި 2 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތެވެ. ކޮރަލް ކުންފުންޏަށް ހަވާލުކޮށްފައިވަނީ އޮފީސް އިމާރާތަކާއި އިންޖީނުގެ އެއް އެޅުމުގެ މަސައްކަތެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން 25 އެއްބަސްވުމަކީ ބީލަމަށް ހުށަހަޅައިގެން ހޯދަން ޖެހޭ މުދަލާއި ހިދުމަތުގެ އެއްބަސްވުންތަކަކަށްވީ ނަމަވެސް އެ 3 ކުންފުންޏާއެކު އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޑައިރެކްޓް ޕާޗޭސް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ފަރާތް ކަނޑައަޅައިގެން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ މައުލޫމާތުން އެނގޭގޮތުގައި މީގެތެރެއިން ޝެލްޓަރ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގައި ތިން ހިއްސާދާރުން ތިއްބަވަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރައަކީ އަހުމަދު އަބްދުﷲ ކިޔާ މީހެކެވެ. އަދި ދެވަނައަށްވާ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރއަކީ އަލީ އަބްދުﷲ ކިޔާ މީހެކެވެ. އަދި ރިޕޯޓްގައިވާ ޅިޔަނުގެ ދަރީގެ ކުންފުނިކަމަށް ބެލެވެނީ ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއަކީ އަހުމަދު ޝަނީޒް ކިޔާ މީހެކެވެ.
ރިޕޯޓްގައިވާގޮތުން މި ހުރިހާ ފަރާތްތައްވެސް ގުޅެނީ ފެނަކަ ސައީދުއާ އެވެ.
އޮޑިޓް ރިޕޯޓު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު