އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނުގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެންވާރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވައިފި އެވެ.
މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 22 އިން 30 އަށެވެ. އަދި އާންމު ބަހުސް އޮންނާނީ 23 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ މިއީ އދ. މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. އަދި މި އަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސެޝަންގައި ދިވެހިރާއްޖެއިން ދެ ހަރަކާތެއް ކުރިއަށްގެންދާނެ އެވެ. އޭގެ ތެރޭގައި އެސްޓޯނިއާއާ ގުޅިގެން ކުރިއަށްގެންދާ ”ޑިޖިޓަލް ޓްރާންސްފޮމޭޝަން ފޮރ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް“ އަދި ”ޑެކޭޑްސް އޮފް ޕެރިސް އެގްރީމަންޓް: މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް“ ގެ ނަމުގައި އެންވާރަމަންޓް މިނިސްޓްރީން އިންތިޒާމުކުރާ ހަރަކާތް ހިމެނެ އެވެ.
މިއަހަރު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިހާބުގައި ދިވެހިރާއްޖެއިންވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ހޮވާ 5 ނައިބު ރައީސުންގެ ތެރެއިން އިންތިހާބީ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އދ. ގެ މެމްބަރު ޤައުމުތަކާއި އދ. އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖެ - އދ އދ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް