ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ 5-0 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ސީޒަންގެ ފެށުން ރަނގަޅުކޮށްފި އެވެ.
ހަތް އަހަރަށްފަހު ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް އައިސް ބޮޑު މޮޅެއް ހޯދި ނަމަވެސް، ހަ އަހަރަށްފަހު ވިކްޓަރީ ވަނީ އެނބުރި އައިސް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އަބްދުﷲ ޖުނައިދު (ޖެންނެ) ވަނީ ލަނޑެއް ޖަހައި ބުރަށް ކުރިހޯދަދީފަ އެވެ. އޭރިއާ ބޭރުން ޖޭންނެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ވިކްޓަރީގެ ނަޝާހު އަހުމަދު (ނައްޓު) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބުރުގެ ބްރެޒިލްގެ ފޯވާޑް، ހުޑްސަން ޑިއާޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ބުރުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 74 ވަނަ މިނެޓުގައި ހުޑްސަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބުރަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ބުރުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު މުހައްމަދު ނާއިމް ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ޖެހީ އަޒުހަދު މުހައްމަދު ޒާހިދު އެވެ.
