ކީރިތި ޤުރުއާން ކިޔެވުގެ ޤައުމީ މުބާރަތް ފެއްޓުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދުނިޔެވީ މަގުސަދެއް ނުވަތަ ޝަރަފެއް ހޯދުމުގެ ބޭނުމުގައި ގުރުއާން ކިޔަވައިގެން ނުވާނެ ކަމަށާއި، އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ”ގުރުއާން މުބާރާތުގައި ބައިވެރިވެ ވަނަ ހޯދުމަކީ އަސްލު އަމާޒު ކަމުގައި ހަދައިގެން ނުވާނެ. ގުރުއާން ބާވާލައްވާފައި ވަނީ އެ މަގުސަދަކަށް ނޫން. ގުރުއާން ބާވާލެއްވިފައި ވަނީ ހިދާޔަތުގެ ނޫރެއްގެ ގޮތުގައި“ މިނިސްޓަރ ވިދާޅުވި އެވެ.
އެހެންނަމަވެސް، މުބާރާތުގައި ބައިވެރިވުމަކީ ގޯހެއް ނޫން ކަމަށާއި، މުބާރާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެއީ ގުރުއާން ކުރިއެރުވުމަށްޓަކައި ކުރާ ކަމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ، ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ބޮޑު މަސައްކަތެއް ނޯންނާނެ ކަމަށާއި، ބެލެނިވެރިންނާއި މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ހިއްވަރުދެއްވާ ކަމަށެވެ.
މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ހިމެނެ އެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއަހަރުގެ މުބާރާތަކީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް