ރިޔާސީ ދައުރު ދަންމަލުމަށް ސަރުުކާރުން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓުގެ ބަހުސް ކުރިއަށްގެންގޮސްފަ އެވެ.
އެގޮތުން މި ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މި ޤާނޫނަކީ 2008 ގައި ފާސްކޮށް އަމަލުކުރަންފެށި މިހާރުގެ ޤާނޫނުއަސާސީއާއެކު އަންނަންޖެހޭ ޤާނޫނެއް ކަމަށެވެ. ރައްޔިތުންގެ ކަންކަމުގައި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ފަލާހު ވިދާޅުވީ މި ބިލުގައި އެކަމުގައި ކަންކުރާނެ ގޮތުގައު ތަފުސީލުތައް ބަޔާންކޮށްފައިވާ ކަމަށެވެ.
ފަލާހު ވިދާޅުވީ ރައްޔިތުންނަށް އޮޅޭނެ ގޮތަކަށް ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނަށްވެސް ސަރުކާރަށްވެސް ކަމެއް ކުރެވޭނެ ވާހަކަ މި ބިލުގައި ނެތްކަމަށެވެ.
މީގެއިތުރުން ފަލާހު ވަނީ ރިޔާސީ ދައުރު ދަންމަލުމަށް ސަރުުކާރުން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ބިލުގައި ޖާގަދެނީ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުފަދަ އިންތިހާބުތައް އެއްކޮށްލުމަށް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
”އެހެންމަ ރައްޔިތުންނަށް އޮޅޭގޮތަށް، ރިޔާސީ ދައުރު ދަންމާލާކަށް ރައީސުލްޖުމްހޫރިއްޔާ ރަސްކަމެއް ކުރާކަށެއް މި ބިލުގައި ނެތް އެވާހަކައެއް.“
ފަލާހު ވިދާޅުވީ މަޖިލީހުގެ ދައުރު ދަންމާލުމަށްވެސް ނޫޅޭ ކަމަށާއި، ރައީސް މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކުން މި ބިލު ފާސްކުރުމުން މަޖިލީހުގެ މި ދައުރު ހަމަސް ދުވަސް ކުރުވާނެ ކަމަށެވެ.
”ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނަން. ރައީސުންޖުމްހޫރިއްޔާ ކުޑަކޮށްވެސް ތާއީދެއް ނުކުރާނެ.“
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
ކޮމިޓީން ބިލު ދިރާސާކޮށް ނިންމިއިރު، ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ވަކި ސަރަަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ހަމައެކަނި އެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ވޯޓު ނެގޭގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
ކޮމިޓީން ބިލަށް ގެނައި އިސްލާހުގައިވާގޮތުން ވޯޓް ނެގުމުގެ 21 ދުވަހުގެ ކުރިން އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާސް އާންމުކުރަންޖެހެ އެވެ. މީގެއިތުރުން ވޯޓުގެ އަޣުލަބިއްޔަތު ބަލާނީ ވޯޓުލީ މީހުންގެ ތެރެއިން ސައްޚަ ވޯޓުގެ 50% އަށްވުރެ އިތުރަށް ލިބުމުން ކަމަށްވެސް ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު