ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަރަހައްދަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓާޓޯ) އިން ބުނެފިއެވެ.
ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން، އެ ރަށުގެ ކައުންސިލުން ވަނީ ދޮންފަނުގެ ފަރަށް ޑައިވް ކުރުމާއި އެ ފަރުގައި ފީނުން މަނާކޮށްފައެވެ. މި ގޮތަށް މަނާކޮށްފައިވަނީ ދޮންފަނު ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށެވެ.
މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވަނީ ހަމައެކަނި ދޮންފަނު ފަރު ނޫނެވެ. އޭގެ ސަބަބުން ބަންދުވަނީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެކެވެ.
”ހަމައެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާނެ“ ކަމަށް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.
އެ ސަރަހައްދު އެގޮތަށް ބަންދުކުރުމާއި ބިން ހިއްކުމުގެ ހަރަކާތްތައް ހިންގުމުގެ ސަބަބުން ހަލާކުވާ ކަނޑުގެ ދިރުންތަކަކީ އަނބުރާ އިޔާދަވާނެ ދިރުންތަކެއް ނޫން ކަމަށް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ”ހަނިފަރުބޭ ފަދަ ސަރަހައްދުތަކަކީ ހަމައެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމާއި އެއީ ދިވެހި އެންމެހައި ރައްޔިތުން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއް“ ކަމަށް ފާހަގަކޮށް، މިކަން ދެނެގަތުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2009 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހިމާޔަތްކޮށްފައިވާ ހަނިފަރުބޭ ސަރަހައްދަކީ، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތައް އުޅޭ، މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ބ. ދޮންފަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)