ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެރަށު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާކުރަން ނިންމައި، ދޮންފަނު ކައުންސިލުން އެ ރަށު ފަރު ސަރަހައްދުގައި ފީނުން މަނާކުރި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
އެލްޖީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކައުންސިލްގެ އިހުތިސާސް ބޭނުންކުރުމާ ގުޅޭގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް، އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ލިބިގެންވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ދޮންފަނުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރެއްވީ އޮގަސްޓު 13 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް ރައީސްގެ ނިންމެވުމާއެކު މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދޮންފަނުގެ ބިން ހިއްކުމުގެ ބައި ނުހިމަނައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓާޓޯ) އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ބަންދުވަނީ ހަމައެކަނި ދޮންފަނު ފަރު ނޫނެވެ. އޭގެ ސަބަބުން ބަންދުވަނީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ވިލުތައްވެސް ހިމެނޭ ސަރަހައްދެކެވެ.
އެލްޖީއޭ އިން ވަނީ ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން މަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކުރުމަށް އަންގާފައެވެ.