މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ދައުލަތަށް 2.12 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ 3 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.9 އިންސައްތަ އިތުރު އަދަދެކެވެ. އޮގަސްޓު މަހު ލިބުނު އާމްދަނީގެ ތެރޭގައި 89 މިލިއަން ޑޮލަރުގެ އާމްދަނީއެއް ޑޮލަރުން ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އާމްދަނީ އިތުރުވި ސަބަބު
މީރާއިން ބުނެފައިވާ ގޮތުގައި، އޮގަސްޓު މަހު އާމްދަނީ އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކުހާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތައް އިތުރުވުމުންނެވެ. މީގެ އިތުރުން، ކުރިން ނުދައްކާ ހުރި ބައެއް ޓެކްސްތައް އެ މުއްދަތުގައި ދެއްކުމުން ވެސް އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
އެންމެ ބޮޑު އާމްދަނީ
އޮގަސްޓު މަހު އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި ޖީއެސްޓީން 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެ މަހު ލިބުނު ޖުމުލަ އާމްދަނީގެ 54.7 އިންސައްތައެވެ.
އިންކަމް ޓެކްސްގެ ގޮތުގައި ޖުމުލަ އާމްދަނީގެ 11.4 އިންސައްތަ ލިބުނު އިރު، ގްރީން ޓެކްސްގެ ގޮތުގައި 240 މިލިއަން ރުފިޔާ (9 އިންސައްތަ) ލިބިފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 165 މިލިއަން ރުފިޔާ (7.8 އިންސައްތަ) އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 162 މިލިއަން ރުފިޔާ (7.7 އިންސައްތަ) ލިބިފައިވެއެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 63 މިލިއަން ރުފިޔާ (3 އިންސައްތަ) ލިބިފައިވާކަން ފާހަގަކުރެވެއެވެ.