ބ. ދޮންފަނު ބިން ހިއްކުމުގެ ޕްރޮޖެކްޓް ހުއްޓާލަން ރައްޔިތުން ނޭދޭ ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
’ޖަވިޔަނި‘ އަށް މައުލޫމާތުދެއްވަމުން ދޮންފަނު ކައުންސިލްގެ މެންބަރު އާއިޝަތު ރާޝިދާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އެ ޕްރޮޖެކްޓް ހުއްޓާލަން ނިންމެވުމާ ގުޅިގެން މިވަގުތު ކައުންސިލް އިދާރާގެ ދޮރުމަތީގައި ރައްޔިތުން މުޒާހަރާކުރަމުން ދެއެވެ.
”ރައީސް އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. ދޮންފަނު ރައްޔިތުން ބޭނުންވަނީ ބިން ހިއްކަން. މިވަގުތުވެސް ކައުންސިލް އިދާރާގެ ދޮރުމަތީގައި ރަށުގެ ވަރަށް ގިނަ ރައްޔިތުން އެއްވެ މުޒާހަރާ އެބަކުރޭ،“ އާއިޝަތު ވިދާޅުވިއެވެ.
ދޮންފަނު ކައުންސިލުން ބުނެފައިވަނީ ރައްޔިތުން އަދިވެސް ބޭނުންވަނީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދޮންފަނުން ބިން ހިއްކަން މިހާރު ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުން ނުވާކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި، މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވިދާޅުވިއެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނިންމެވީ އެކަމަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ. އެގޮތުން ދޮންފަނުން ބިން ހިއްކައިފިނަމަ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރު ބޭއަށް ގެއްލުން ވާނެކަމަށް ބުނެ ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަނިފަރު ބޭއަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.