މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު މިނިސްޓްރީ އޮފް ފިޝަރީޒްއިން އިތުރުކޮށްފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަކީ ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ ”ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ (ޓްރާންސްފޯމް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މަސްވެރިކަމާބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުޅަނދެއްގައި އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 24 އަހަރުން ދަށުގެ 5 ޒުވާނުންނަށެވެ. ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަވަންސްއެއް ލިބިގެންދާނެއެވެ.
ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއެކު އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި 18 އަހަރު ނުވާ ކުދިން ބެލެނިވެރިޔާގެ ސިޓީއެއްވެސް ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.