ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
މި ބަދަލު ގެނެވިފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެމްއޭސީއެލުން ބުނީ މި އެއަރޕޯޓްތަކާ ހަވާލުވެފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ. އެ އެއަރޕޯޓުތަކާ ހަވާލުވިއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި، މިހާރު ކުރިއަށްދަނީ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތައްކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު އެވެ. އެމްއޭސީއެލުން މަޢުލޫމާތު ދިން ގޮތުގައި، އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް، އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނިމިފައެއް ނުވެ އެވެ. ނަމަވެސް މި ދެ ކުންފުނި އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) އެމްއޭސީއެލް