އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އެމެރިކާގެ ޖެން ޒީގެ 60 އިންސައްތަ ހަމާސްއަށް ތާއީދުކުރާކަމަށް އެމެރިކާގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.
ހަރވާޑް ހެރިސް ޕޯލް ދައްކާގޮތުން، އެމެރިކާގެ އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ 60 އިންސަތަ ހަމާސްއަށް ތާއީދުކުރާއިރު އިޒްރޭލުގެ ސަރުކާރަށް އަދި އިޒްރޭލުގެ ޖަރީމާތަކަށް ތާއީދުކުރަނީ 40 އިންސައްތަ ޒުވާނުންނެވެ. ޒުވާނުންގެ ބޮޑު ބައެއް ހަމާސްއަށް ތާއީދުކުރާކަން ހާމަވުމަކީ މި މައްސަލައިގައި އެމެރިކާގެ މި ޖެނަރޭޝަންގެ ވިސްނުން ބަދަލުވަމުންދާކަން ހާމަވާ ކަމެކެވެ.
މި ސާވޭގައި ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި، މިހާރު ހިނގަމުންދާ ހަނގުރާމައިގައި ސަޕޯޓް ކުރަނީ އިޒްރޭލުގެ ސަރުކާރަށްތޯ ނުވަޔަ ހަމާސްއަށްތޯ ސުވާލު ކޮށްފައިވެ އެވެ.
18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ބޮޑުބައެއް ހަމާސްއަށް ތާއީދުކުރިނަމަވެސް ދެން މި ދިރާސާގައި ބައިވެރިވި އެމެރިކާގެ އެހެން އުމުރުފުރާތަކުގެ މީހުން ތާއީދުކުރަނީ އިޒްރޭލަށެވެ. އެގޮތުން 25 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 65 އިންސައްތަ މީހުން، 35 އަހަރާއި 44 އަހަރާއި ދެމެދުގެ 70 އިންސައްތަ މީހުން، 45 އަހަރާއި 54 އަހަރާއި ދެމެދުގެ 74 އިންސައްތަ މީހުން، 55 އަހަރާއި 64 އަހަރާއި ދެމެދުގެ 84 އިންސައްތަ މީހުން އަދި 65 އަހަރުން މަތީގެ 89 އިންސައްތަ މީހުން އިޒްރޭލަށް ތާއީދުކުރާކަމަށް ބުނެފައިވެ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ޖުމުލަ 51 އިންސައްތަ މީހުން ވަނީ އިޒްރޭލުން އަމަލުކުރަމުންދާގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި 49 އިންސައްތަ މީހުން ވަނީ އިޒްރޭލުގެ އަމަލުތަކަށް ތާއީދުކުރާ ކަމަށް ބުނެފަ އެވެ. އަދި ޣައްޒާގައި ބަނޑުހައިހޫނުކަން އޮތްކަމަށް ޖުމުލަ 69 އިންސައްތަ މީހުން ގަބޫލުކުރާއިރު އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމަށް 57 އިންސައްތަ މީހުން ތާއީދުކޮށްފައިވެ އެވެ.
ހަރވާޑް ހެރިސް ޕޯލްގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތާއި އިގްތިސާދީ ހާލަތާއި ކުށުގެވެށި، އެޕްސްޓީން ކޭސް، އިޒްރޭލް- ފަލަސްތީން ހަނގުރާމަ، އިޒްރޭލް- އިރާން ހަނގުރާމަ އަދި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާ ގުޅޭ ސުވާލުތައްވެސް ހިމަނާފަ އެވެ.