ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ޝަހީދު އަލީ ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސަޢީދު މުޙައްމަދު ވިދާޅުވި ގޮތުގައި މިހާތަނަށް 600 އަށްވުރެ ގިނަ ކުދިން މި ސްކޫލަށް ވަނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މި ހުރިހާ ކުދިންނަށްވެސް ސްކޫލުން ޖާގަ ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީދު އަލީ ސްކޫލަކީ އެއްފަހަރާ 1500 ކުދިންނަށް ޖާގަ ލިބޭނެ ސްކޫލެކެވެ. ނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭ ނިޒާމެއްގެ ދަށުން 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ކުދިންނަށް ޖާގަ ލިބޭނެއެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.
”ޞަލާހުއްދީން ސްކޫލްއާއި ޝަހީދު އަލީ ސްކޫލްއާއެކު ކުރިއަށް އޮތް 2 އަހަރުވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ކިޔަވައިދެވޭނެ، ޖާގަ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ޖާގަ ލިބޭނެ“ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލާއި، ޒަމާނީ ވަސީލަތްތަކާއި ޓާފް ދަނޑެއް ހިމެނޭ މި ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެންބަރު މަހަށް ނިންމައި، އަންނަ ދިރާސީ އަހަރުން ފެށިގެން ކިޔަވައިދޭން ފެށުމަށް ވަނީ ރޭވިފައެވެ. މިވަގުތު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަނީ ހަމައެކަނި ޞަލާހުއްދީން ސްކޫލުގައެވެ.