އިންޑިއާގެ މުދަލުން ޖުމުލަ 50 އިންސައްތަ ޓެރިފް ނަގަން އެމެރިކާއިން ފަށައިފި އެވެ.
މީގެކުރިން ޓްރަމްޕް ނިންމަވާފައިވަނީ، އިންޑިއާގެ މުދަލުން 25 އިންސައްތަ ޓެރިފް ނެގުމަށެވެ. ނަމަވެސް އިންޑިއާގެ މުދަލުން އިތުރު 25 އިންސައްތައާއެކު ޖުމުލަ 50 އިންސައްތަ ޓެރިފް ނެގުމަށް ޓްރަމްޕް ނިންމި ނިންމުން މިއަދު ވަނީ ތަންފީޒުކުރަން ފަށައިފި އެވެ.
އިންޑިއާގެ މުދަލުން ޖުމުލަ 50 އިންސައްތަ ޓެރިފް ނަގަން ޓްރަމްޕް ނިންމީ އިންޑިއާއިން ރަޝީޔާގެ ތެޔޮ ގަންނާތީ އެކަމަށް އަދަބު ދިނުމުގެ ގޮތުންނެވެ.
އިންޑިއާއިން އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފް ނެގުމުގެ ރިޔާސީ ޤަރާރުގައި ޓްރަމްޕް ސޮއިކުރައްވާފައިވަނީ އޮގަސްޓް 6 ވަނަ ދުވަހު އެވެ.
އެމެރިކާގެ މި ނިންމުމަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ހަފުތާގައި ޗައިނާއަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ 2018 ގެ ފަހުން މޯދީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި މޯދީ ޗައިނާގެ ރައީސް ޝީ ޖިން ޕިންއާ ބައްދަލުކުރައްވާނެ އެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ޚާރިޖިއްޔާއިން މީގެކުރިން ބުނެފައިވަނީ، އެމެރިކާއިން ކަނޑައެޅި ޓެރިފްއަކީ ބޭއިންސާފު ނިންމުމެއް ކަމަށެވެ. އަދި އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އިންޑިއާއިން ބުނެފައިވެ އެވެ.