ކުޑަކުއްޖަކާ ބެހުމުގެ ދައުވާލިބޭ މީހަކު ބަލި ކަމަށްބުނެ ދޫކޮށްލި އަމުރު ބާތިލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވި ހައްޔަރުކޮށް ދައުވާކުރި މީހަކު ބަލި ކަމަށްބުނެ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މި މައްސަލައިގައި އަހްމަދު މޫސާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 14 ޖެނުއަރީ 2025 ގަ އެވެ. އޭގެފަހުން އެކި ފަހަރުމަތިން މީނާގެ ބަންދު މުއްދަތު އިތުރުކޮށްފައިވެ އެވެ. މި މައްސަލައިގައި މީނާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ދައުވާ ކޮށްފައިވަނީ 9 މާރިޗް 2025 ގަ އެވެ. އޭގެފަހުން 14 މާރިޗްގައި ގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.

އޭގެފަހުން އަހްމަދު މޫސާގެ ފަރާތުން އޭނާގެ ބަލި ހާލަތު ބަޔާންކޮށް ބަންދު އަމުރު މުރާޖައާކޮށްދިނުމަށް އެދިފައިވެ އެވެ. އެގޮތުން އޭނާއަކީ ހާއްސަ އެހީއެއް ބޭނުންވާ މީހެއްކަމާއި، އޭނާގެ 2 ކިޑްނީ މައްސަލަ ޖެހިފައިވާކަމާއި، ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ފަރުވާ ކުރަމުންދާކަމާއި، މިނާ ހައްޔަރުކޮށްފައިވަނީ ކެންސަރަށް ޓެސްޓް ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވަނިކޮށް ކަމަށް އަހްމަދު މޫސާގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

މި ހުށަހެޅުމާއި ގުޅިގެން މި މައްސަލަ ބަލާ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރުތުކޮށް އަހްމަދު މޫސާ ބަންދުން ދޫކޮށްލާފަ އެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލައިގައި ހުކުމް ކޮށްފައިވަނީ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ބޭސްފަރުވާ ނުލިބޭ ކަމަށްބުނެ ނުވަތަ އެހީތެރިކަން ނުދޭކަމަށްބުނެ އަހްމަދު މޫސާގެ ފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި ސިއްހީ ލިޔުންތައް ހުށަހަޅާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.

މީގެއިތުރުން އަހްމަދު މޫސާ ގިނަ ބަލިތައް ތަހައްމަލުކުރަމުންދާތީ ބަންދުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާކަމަށް ޝަރީއަތުގައި އޭނާ ތަކުރާރުކޮށް ބުނިނަމަވެސް އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ ލިޔުމެއް އޮތްނަމަވެސް ހުށަހެޅުމުގެ ފުރުސަތު ދިންކަންވެސް ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ބުނެފައިވަނީ އަހްމަދު މޫސާ ބަންދުކުރުމަށް ކޮށްފައިވާ އަމުރުތަކުގައި ބަޔާންކޮށްފައިވާ ހާލަތު ފިލައިދިޔަގޮތެއް ނުވަތަ ބަދަލުވިގޮތެއް އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައި ނުވާކަމަށާއި އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް ކޯޓުން އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލުކޮށް، ދެ ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މެޖިސްޓްރޭޓް ކޯޓަށް އަންގައި ވަނީ ހުކުމް ކޮށްފަ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.

ހައި ކޯޓު ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ