ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ”ޤައުމީ ލަވަ އަލްބަމް“ މިއަދު ނެރެފި އެވެ.
”ޤައުމުގެ ދިފާޢުގައި“ މި ތީމަށް ހާއްސަކޮށްފައިވާ މި އަލްބަމްގައި ހިމެނެނީ ހަތް ލަވަ އެވެ.
މި އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަލްބަމްގައި ވެސް ހިމެނެނީ ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތަކެވެ.
މި އަލްބަމަށް ޅެން ހައްދަވައިދެއްވާފައިވަނީ އާދަމް ނަސީރު އިބްރާހީމް، ކާނަލް ހުސައިން އަލީ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު، ނިޝާން ދިޔަމިގިލި އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަހްމާން، ރަޝީދާ އިބްރާހީމް އަދި ޕްރައިވެޓް މުހައްމަދު މާހިދެވެ.
ޅެން ހެއްދެވި ބޭފުޅުންނާއި ޅެންތައް:
- އާދަމް ނަސީރު އިބްރާހީމް – މި ގައުމަށް ހިދުމަތްކުރުމޭ އަރާމަކީ
- ކާނަލް ހުސައިން އަލީ – ސިފައިންގެ މީހެއްގެ ޝުއޫރު
- ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު – ގައުމުގެ ދިފާއުގައި
- ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު – ގައުމީ ހިދުމަތުގައި ކުރިއަށް
- ނ.ދ.އ.ވ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) – ޖާނުދޭނީ ގައުމަށް ޓަކައި
- ރަޝީދާ އިބްރާހީމް – ގައުމު ދިފާއު ކުރާނަމެވެ
- ޕްރައިވެޓް މުހައްމަދު މާހިދު – ސިފައިން
އަލްބަމްގެ ރާގުތައް އުފައްދާފައިވަނީ ކާނަލް އަލީ މަނިކު، ވޮރަންޓް އޮފިސަރ 2 އަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަތުހުﷲ ޝަކީލް ހުސައިން، ކޯޕްރަލް ހަސަން ޝާމިލް މުހައްމަދު ދީދީ، ޕްރައިވެޓް މުހައްމަދު މާހިދު އަދި ހުސައިން ޝިފާނެވެ. މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ.
މި އަލްބަމްގެ ވީޑިއޯ އަދި އޯޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އޮފިޝަލް ޔޫޓިއުބް ޗެނަލުން ލިބެން ހުންނާނެ އެވެ. އެމްއެންޑީއެފުން 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުންދާ މި ލަވަތަކަކީ އާންމުންގެ މެދުގައި ވަރަށް މަޤުބޫލު ލަވަތަކެކެވެ.